Free Essay

Islam Dheen Aai Medhu Kurevey Baeh Kuh Heethah

In:

Submitted By unaisshssn
Words 2738
Pages 11
-------------------------------------------------
އިސްލާމް ޕްރޮޖެކްޓް
އިސްލާމްދީނާއި މެދު ކުރެވޭ ބައެއް ކުއް ހީތައް
އިބްރާހިމް އުނެއިސް ހުސެއިން
2806
ޑިޕް ބީ

އިބްރާހިމް އުނެއިސް ހުސެއިން
2806
ޑިޕް ބީ

h
އިސްލާމްދީނާއި މެދު ކުރެވޭ ބައެއް ކުއް ހީތައް.
އިސްލާމްދީނަކީ ކޮބާ ހެއްޔެވެ؟
އިސްލާމް މިއީ ޢަރަބި ބަހެކެވެ. މި ބަހުގެ މާނައަކީ، ﷲ އަށް ކިޔަމަންތެރިވެ، ބޯލަނބައި، އެކަލާނގެ އަމުރުފުޅުތަކާ އެއްގޮތްވާގޮތުގެ މަތިން ކަންތައްތައް ކުރުމެވެ. އިސްލާމްދީނަކީ ޞުލްޙަވެރި ދީން، މިނިވަންކަމުގެ ދީން، ރަޙްމަތުގެ ދީން، އަދުލުވެރިކަމުގެ ދީން، އެހީތެރިކަމުގެ ދީން، މާތް ﷲގެ ދީން، މެދުމިނުގެ ދީން، ފާޅުކަންބޮޑު ދީން، އަންހެނުންގެ ޤަދަރު އުފުލައިދޭ ދީނެވެ. އިސްލާމްދީނަކީ ﷲ ސުބުޙާނަޙޫ ވަތަޢާލާގެ މަގެވެ. މިދީނުގައި އިންސާނާގެ ޙަޔާތް ބާއްޖަވެރިގޮތުގައި ވޭތުކުރާނެ ހުރިހާ ހެޔޮގޮތެއް ވެއެވެ. މުޖްތަމަޢުއާއި ފަރުދުންގެ ހައްގުތަށް ރައްކާތެރިކޮށްދީފައިވާ ދީނެވެ. އުންމަތްތަކާއި ޤައުމުތަކުގެ ފެންވަރުގައި މުއާމަލާތް ކުރާނެ ގޮތްތައް ބަޔާންކޮށް ދެއްވާފައިވާ ދީނެވެ.
އިސްލާމްދީން ފިޔަވައި މިދުނިޔޭގައި ތިބި އެހެނިހެން ދީން ތަކުގެ އަހުލުވެރިން ނުވަތަ ދީނީ ޢިލްމުވަރިން އިސްލާމްދީނާ ދެކޮޅަށް ދޮގު ވާހަކަތައް ފަތުރާފައިވެއެވެ. އަދި މިހާރުވެސް ފަތުރަމުން ދެއެވެ. މިދޮގު ވާހަކަތަކެއް ފެތުރުމުގެ ސަބަބުން އިސްލާމްދީން ފުރިހަމަ ގޮތުގައި ދެނެގަތުމުގައި ކުށްހީތަކެއް ވެއެވެ.
އިސްލާމްދީނާއި ކީރިތި ޤުރުއާނަކީ ޤައުމުތަކުގެ މެދުގައި މައްސަލަ އުފެއްދުމަށް އުފެއްދި ދީނެއްކަން، ގަދަކަމުން ކައިވެނި ކުރުން ހުއްދަ ދީނެއް ކަމުގައިވުން، ﷲއީ ހަމައެކަނި މުސްލިމުންގެ ރަސްކަލާނގެކަން، އިސްލާމް އަކީ ރޭސިޒަމްއާ އެއްބާރުލުން ދީނެއްކަން، އިސްލާމްދީނުގައި ހަމަހަމަކަމާއި މިނިވަންކަމާއި އަދުލު އިންސާފު ނެތުން، ދެންމެ މި ދެންނެވުނީ އިސްލާމްދީން ދެނެގަތުމުގައި ގިނަމީހުންނަށް ވެވޭ ބައެއް ކުށްހީތަކެވެ.

އިސްލާމްދީން ދެނެގަންނާނެ ގޮތްތަކަކީ ކޮބާ؟
އިސްލާމްދީން ދަނެގަންނާނެ އެންމެ ރަނގަޅު ގޮތަކީ އަމިއްލަޔަށް އިސްލާމްދީނާ ބެހޭގޮތުން މަޢުލޫމާތު ހޯދައިގެންނާއި ނުވަތަ މުސްލިމް ދަންނަބޭކަލުންނާއި ވާހަކަދައްކައިގެން ނުވަތަ ސުވާލުކޮށްގެން މަޢުލޫމާތު ހޯދައިގެންނެވެ. އިސްލާމްދީން އާއި ބެހޭގޮތުން މަޢުލޫމާތު ނޭނގޭނަމަ ދަންނަބޭކަލަކާ ސުވާލުކޮށް އޮޅުންފިލުވަންވާނެއެވެ. އެއިރުން އެމީހުން ބޭނުންވާ ރަނގަޅު ޖަވާބު ލިބި އިސްލާމްދީނާބެހޭ ގޮތުން އޮޅުން ފިލާނީއެވެ. ކީރިތި ޤުރުއާނުގެ ތަރުޖަމާއެއް ހޯދައިގެން ޤުރުއާން ކިޔަވައިގެންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތްތައް ކިޔައިގެންވެސް އިސްލާމްދީން ދަނެގަނެވޭނެއެވެ. ދީނީ ދަރުސްތަކަށް ދިޔުމުންވެސް މަޢުލޫމާތު ލިބޭނެއެވެ. ޔުނިވަރސިޓީ ތަކަށް އިސްލާމް އިން ތަރުބިއްޔަތު ހޯދައިގެންވެސް ރަނގަޅުވާނެއެވެ.
އިސްލާމްދީން ފެތުރިގެންދިޔައީ ކަނޑީގެ ބާރަކުން ނޫނެވެ.
ބައެއް މީހުން ދެކެވަދައިގަންނަވާ ގޮތުގައި އިސްލާމްދީން ފެތުރިގެންދިޔަ އެންމެ ބޮޑު ސަބަބަކީ މުސްލިމުން ކަނޑީގެ ބާރުބޭނުން ކޮށްގެން ހަނގުރާމަ ކޮއްގެނެވެ. މިއީ އިސްލާމްދީން ދެނެގަތުމުގައި ކުރެވޭ ކުށްހީތަކުން އެއްހީއެވެ. ކީރިތި ޤުރުއާނުގައި މުސްލިމުންނަކީ ގަދަކަމުން މީހުން އިސްލާމްދީނަށް ވައްދާ ދީނެއް ނޫންކަން އެނގެއެވެ. ބަޤަރާ ސޫރަތުދެ 256 އާޔަތުގެ މާނައިގައި ވެއެވެ.
"ދީނަށް ވެއްދުމުގައި މަޖުބޫރު ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ޟަލާލަތުގެ އަނދިރިކަމުގެ ތެރެއިން، ހިދާޔަތުގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ، ޝައިތާނާޔަށް ކާފަރުވެ ﷲ އަށް އީމާންވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ ޢަޤީދާގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކައް ނުވެއެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅައް ދެނެވޮޑިގެންވާ ރަސްކަލާންގެެއެވެ."
އަދި ކީރިތި ޤުރުއާނުގައި އިސްލާމްދީނުގެ މަގު ރިވެތި ގޮތުގައި ދެއްކުމައް ވަނީ އަންގަވާފައެވެ. އެއީ ސޫރަތުލް ނަޙްލުގެ 125 ވަނަ އާޔަތުގައިވެއެވެ.
"ޙިކުމަތާއި، ރިވެތި ވަޢުޟާ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ ޖަދަލު ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގަތެވެ. އަދި ތެދުމަގުލިބިގެންވާ މީހުން ވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ."
މުސްލިމުންގެ ލަޝްކަރުތައް ދުނިޔޭގެ އެކިކަންކޮޅުތަކަށް ގޮސް ކަނޑި ބޭނުންކޮށްގެން ފަތަޙަ ކުރައްވާފައިވެއެވެ. އެއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. އެދުވަސްވަރު ކަނޑި އަކީ އެންމެންވެސް ބޭނުންކުރަމުން ގެންދިޔަ ހަތިޔާރެވެ. ނަމަވެސް އިސްލާމްދީން ގިނަ ޤައުމު ތަކުގައި ފެތުރިފައި ވަނީ ކަނޑީގެ ބާރަކުން ނޫނެވެ. ދުނިޔޭގެ އެންމެ މުސްލިމުން ގިނަ އާބާދީ ކަމުގައިވާ އިންޑޮނޭށިޔާއާއި، މެލޭށިޔާއާއި، ޗައިނާއާއި، އަދި އެފްރިކާގެ ގިނަ ކަންކޮޅުތަކަށް އިސްލާމްދީން ފެތުރިފައިވަނީ ކަނޑީގެ ބާރަކުން ނޫނެވެ. އެ ޤައުމުތަކަށް މުސްލިމް ލަޝްކަރުތަކެއް ގޮސްފައިވާ ކަމުގެ އެއްވެސް ލިޔުމެއް ނެތެވެ.
700 އަހަރުވަންދެން އިންޑިއާގައި މުސްލިމުން ވެރިކަން ކުރައްވާފައިވެއެވެ. އެކަމަކުވެސް މުސްލިމުންގެ އަދަދު އޭރުގައިވެސް އިންޑިއާގައި ވަރަށް މަދުއެވެ. މުސްލިމުން އަލް އަންދަލުސް ނުވަތަ ސްޕެއިންގައި ވެރިކަންކުރި 800 އަހަރަކީ ދުނިޔޭގެ ތާރީޚުގައިވެސް ފާހަގަ ކުރެވިފައިވާ އަހަރުތަކެކެވެ. އެހެނީ އެދުވަސްވަރު ނަޞާރާއިންނާއި ޔަހޫދީންނަށްވެސް އެވެރިކަމުގައި ދެވުނު އެބައެއްގެ ދީނީ މިނިވންކަމުންނެވެ.
މެދުއިރުމަތީގެ ގައުމުތަކުގައި ނަސާރާއިންނާއި ޔަހޫދީންގެ ކުދިކުދި އާބާދީތަކެއް އެތަކެއް ގަރުނުތަކަކަށް ދެމިގެން ގޮސްފައިވެއެވެ. އެގޮތުން ފާހަގަ ކުރެވޭ ބައެެއް ގައުމުތަކުގެ ތެރޭގައި އިޖިޕްޓް، މޮރޮކޯ، ފަލަސްތީން، ލެބަނަން، ސީރިޔާ އަދި ޖޯޑަން ހިމެނެއެވެ.
އިސްލާމް ދީނަކީ ކަނޑީގެ ބާރާއި ނުލައި އެންމެ އަވަހަށް ފެތުރޭ ދީންކަމަށް އެމެރިކާ އަދި އިގިރޭސި ވިލާތް ފަދަ ގައުމުތަކުގައި ވެސް ގަބޫލުކުރާ ދީނެވެ.
ތާރީޚުގެ ތެރެއިން ޑި ލޭސީ އޯ'ލެއަރީގައި ބަޔާން ކުރެވިފއަވާ ގޮތުން ދުނިޔޭގެ ބާރުގަދަ ޤައުމުތަކަށް ހައްދުފަހަނައަޅާފައިވާ މުސްލިމުން ކަނޑީގެ ބިރުދައްކައިގެން އިސްލާމްދީން ފަތުރާ ވާހަކައަކީ ދުނިޔޭގެ ތާރީޚުގައި ވެސް އެފަދަ ދެވަނައެއް ނުވާ އަޖާއިބުކުރުވަނިވި ގޮތަކަށް ގެނެސްފައިވާ ގަބޫލުންކުރަންދަތި ފުލޯކު ވާހަކަތަކެކެވެ.
ތިރީގައި މިލިސްޓު ކުރެވިފައިވާ ހަނގުރާމަތަކަކީ މިހާރު ކުރިޔްދާ ހަނގުރާމަތަކެކެވެ. މިއީ އިސްލާމްދީން ފެތުރުމަށް ކުރެވޭ ހަނގުރާމަތަކެއް ނޫނެކެވެ. މިއީ ކަނޑީގެ ބާރަކުން ކުރާ ކަމެއް ނޫނެކެވެ. މިހަނގުރާމަތަކަކީ މިއަދު އިސްލާމީ އުއްމަތުގައި ކުރިޔަށްދާ ހަމަނުޖެހުން ތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަތަކެވެ. މި ހަނގުރާމަ ތަކުގައި ބޭނުންކުރަމުން ގެންދާ ހަތިޔާރަކީ ބަޑިއާއި، ބޮމެވެ.
1978 އިން ފެށިގެން އަފްޢާނިސްތާނުގައި ކުރިޔަށްދާ ހަނގުރާމަ.
2009 އިން ފެށިގެން ބޯކޯ ހަރަމް އިން ކުރިޔަށް ގެންދާ ހަނގުރާމަ.
ބައްޝާރު އަލް އައްސަދުގެ ސަރުކާރާ ދެކޮޅަށް 2011 އިން ފެށިގެން ކުރިޔަށްދާ ހަނގުރާމަ.
އިރާޤު އިން އެމެރިކާގެ ސިފައިން 2011 ވަނަ އަހަރު އެޤައުމުން ފޭބުމަށް ފަހު ކުރިޔަށްދާ ހަނގުރާމަ.
އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރިޔަށްދާ ހަނގުރާމަ.
ސޯމާލިޔާގައި 1991 އިން ފެށިގެން ކުރިޔަށްދާ ހަނގުރާމަ.
ސޫދާނުގައި ކުރިޔަށްދާ ހަނގުރާމަ.
2004 އިން ފެށިގެން ޕާކިސްތާނުގެ އުތުރު ހުޅަނގު ފަރާތުގައި ކުރިޔަށްދާ ހަނގުރާމަ.
ލީބިޔާގައި ކުރިޔަށްދާ ހަނގުރާމަ.
2011 އިން ފެށިގެން ޔެމެންގައި ކުރިޔަށްދާ ހަނގުރާމަ.
އިސްލާމްދީނުގައި ހަމަހަމަކަން
އިސްލާމްދީނުގެ އާއްމު ކޮށް ބާރުއަޅާ އެއްކަމަކީ ހަމަހަމަކަމެވެ. އިސްލާމްދީން ދަސްކޮށްދެއްވާ ގޮތުގައި މާތް ﷲ ހަޟުރަރުގައި ހުރިހާ އިންސާނުންނަކީ ހަމަހަމަ މަޙްލޫގުންގެ ގޮތުގައެވެ. ހުރިހާ އިންސާނުން އެއްވައްތަރެއް ނުޖެހިިޔަސް ހުރިހާ އިންސާނުންނަކީ ހަމަހަމަ ބައެކެވެ. އިންސާނުންނަށް ކުރެވޭ މަސައްކަތާއި، ވެވޭނެ މަސައްކަތާއި، އިންސާނުންގެ ޢަޒުމުތަކާއި، އެމީހުންގެ މިލްކިއްޔާތުގައިވާ މުދަލާއި، މުއްސަނދިކަމުން ތަފާތު ވިޔަސް ހުރިހާ އިންސާނުންނަކީ ހަމަހަމަ ބައެކެވެ.
މިދެންނެވުނު ކޮންމެ މިޘާލެއްގައިވެސް އާއްމު އުސޫލެއްގެ ގޮތުން ކަނޑައެޅިފައިވާ ވަކި ހައްދެއް އޮވެއެވެ. މުޖުތަމަޢުތެރޭގައި ކަނޑައެޅިފައިވާ ޙައްދުތަކަކީ މާޒީވެގޮސްފައިވާ ކަންތައްތަކާއި ހިނގާފައިވާ ޙާދިޘާތަކުގެ އަލީގައި މުޖުތަމަޢުތެރޭގައި ހިނގާ ކަންތައްތައް ރަގަޅު ކުރުމުގެ ގޮތުން ކަނޑައެޅިފައިވާ ޙައްދުތަކެކެވެ. މިސާލެއްގެ ގޮތުން މުޖުތަމަޢުތެރޭގައި އުޅޭ ފަރުވާކުޑަ މީހުންނާއި ތަޢުލީމީ ހަރުދަނާ މީހުންނާއި ތަފާތުކުރެވޭ ތަފާތުކުރެވުންތައް ހިމެނެއެވެ. އެގޮތުން ތަޢުލީމީ މީހެއްގެ މައްޗަކަށް ފަރުވާކުޑަ މީހަކު ފުރިހަމަ ނިޒާމެއްގެ ތެރޭގައި ކަނޑައެޅިގެނެއް ނުދާނެއެވެ.
ނަމަވެސް މިދެންނެވުނު އެއްވެސް ތަފާތުކުރުންތަކަކީ އެއްވެސް އިންސާނަކަށް އެހެން އިންސާނަކަށްވުރެ މަތިވެރިކަން ލިބޭނެކަމެއް ނޫނެކެވެ.
އެއްވެސް ޒަމާނެއްގައި ދުނިޔޭގެ ހަމަހަމަކަމުގެ އުޞޫލު ޤާއިމްކުރެވިފައި ނުވާވަރަށް އިސްލާމްދީނުގައި މިނިޒާމް ޤާއިމްކުރެވިފައިވެއެވެ. އަދި ކީއްހެއްޔެވެ؟ ހަމަހަމަކަމުގެ ފުރިހަމަ ނިޒާމެއް ކުރިމަގުގައި ޤާއިމެއް ނުކުރެވޭނެއެވެ. އިސްލާމްދީން އައުމުގެ ކުރިން މީސްތަކުންގެ ހަމަހަމަކަން އޮތީ ހަމައެކަނި ހުވަފެނެއްގެ ގޮތުގައެވެ. އެހުވަފެނުގައި ކުލަޖައްސައި ދިނީ އިސްލާމްދީނެވެ.
ކީރިތި ޤުރުޢާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. "އޭމީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: ޢާދަމްގެފާނާއި؛ ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި؛ ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢުރީފު ވުމަށްޓަކައެވެ. ހަމަކަށަވަރުން؛ ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަބީރުވަންތަ ރަސްކަލާނގެއެވެ."
އިސްލާމްދީނުގައި އެއްވެސް ޤައުމެއް އެހެން ޤައުމަކަށް ވުރެ މަތިވެރި ވެގެންނުވާނެއެވެ. ޢާޙިރަތުގައި މާތް ﷲ ބައްލަވާނީ ކޮންމެ އިންސާނެއް ކުރައްވާފައިވާ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތަކެެވެ. އެއިންސާނާ ﷲއަށް ތަބާވި މިންވަރަށެވެ. ކަޅުމީހަކަށް ގިނައިން ޢަޛާބު ލިބިފައި ދޮންމީހާއަށް މަދުން އަޛާބު ލިބުމެއް ނޫނެވެ. ހުރިހާ މީހުންނަށް އަޛާބު ލިބޭނީ އެމީހާކޮށްފައިވާ ޢަމަލުތަކަށް ބައްލަވާފައެވެ.
1. ހުރިހާ އިންސާނުންވެސް ހައްދަވާފައިވަނީ މާތް ﷲއެވެ.
2. މުޅި އިންސާނީ ދަރިފަސްކޮޅު ނިސްބަތްވަނީ އާދަމްގެފާނަށާއި ޙައްވާގެފާނަށެވެ.
3. މާތް ﷲ، އެކަލާނގެ ހައްދަވާފައިވާ ހުރިހާ މަޚްލޫގުންނަށް ޖަޒާ ދެއްވާނީ ހަމަހަމައަށެވެ. އެކަލާނގެއީ ވަކި ދަރިފަސްކޮޅަކަށް ނުވަތަ ވަކި އުމުރެއްގެ އިންސާނުންނަށް ނުވަތަ ވަކި ދީނަކަށް ހަމަހަމަނޫން ގޮތަކަށް ޖަޒާ ދެއްވާ ރަސްކަލާނގެއެއް ނޫނެކެވެ. މުޅިމި ކައުނުއަކީ ﷲ ހައްދަވާފައިވާ އަދި ހުރިހާ މަޚްލޫގުންްނަކީ އެކަލާނގެ ހައްދަވާފައިވާ ތަކެއްޗެވެ.
4. މާތް ﷲ އިންސާނާއަށް ޖަޒާ ދެއްވަނީ އިންސާނާކޮށްފައިވާ ހެޔޮކަންތަކާއި ނުބައިކަންތަކަށް ބައްލަވާފައެވެ.
5. މާތް ﷲ ވަނީ އިންސާނުންގެ މައްޗަށް އެހެނިހެން މަޚްލޫގުންނަށް ވުރެ ޤަދަރާއި ޢިއްޒަތް ދެއްވާފައެވެ.
މަތީގައި މިދެންނެވުނީ ހަމަހަމަކަމުގެ ބައެއް މިޘާލުތަކެކެވެ. މިހަމަތަށް މުޖްތަމަޢުގައި އުސޫލުތަކުގައި އަށަގެންފިނަމަ އެމުޖްތަމަޢެއްގެ ތެރެއިން ހަސަބާއި ނަސަބުގެ ގޮތުން، އަދި ރޫފާއާެި ކުލައިގެ ގޮތުން ކުރެވޭ ތަފާތުކުރުންތަށް ނައްތައިލެވޭނެއެވެ. ކީރިތި ރަސޫލާގެ ހަދީޡްތަކުންް ސާބިތުވާގޮތުގައި ހުރިހާ އިންސާނުން ޙައްޤުން އަޅުކަން ކުރެވޭ އިލާހަކީ އެއްކައުވަންތަ މާތްﷲ ކަމަށާއި، މިމުޅި އިންސާނީ ދަރިފަސްކޮޅު ނިސްބަތްވަނީ މާތް ﷲ މަށިން ހެއްދެވި ހުރިހާ އިންސާނުންގެ ބައްޕަކަމަށްވާ އާދަމްގެފާނަށެވެ. އެހެންކަމުން އިންސާނުންގެ ތެރޭގައި ތަފާތުކުރެވޭނެ ހަމައެކަނި ގޮތަކީ އެބައެއްގެ ތަޤުވާވެރިކަމުގެ މައްޗަށެވެ.
އިސްލާމީ ތާރީޙުގެ ޞަފްޙާތަކުން މިހަމަހަމަކަމުގެ އެތައްމަންޒަރުތަކެއް ފެންނަން އެބަހުއްޓެވެ. މަޚްޒޫމު ވަންހައިގެ އަންހެނަކު ވައްކަންކޮށްގެން ގެނެވި އޭނާގެ އަތްކެނޑުމަށް ނިޔާއިއްވި ހިނދު އެޙުކުމް ލުއިކޮށްދެއްވާތޯ އުސާމާބިން ޒައިދު ރަޟިޔަﷲ ޢަންހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމް އަށް ދެންނެވިއެވެ. އެހިނދު އެކަމާ ރުހިވަޑައިނުގެން ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މާތްﷲގެ ޙައްދު ތަކުގައި ކަލޭ ޝަފާޢަތްތެރިވަނީ ހެއްޔެވެ؟ ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ އުންމަތްތައް ހަލާކުވެގެން ދިޔައީ، ފަހެ، އެމީހުންގެ ތެރެއިން މާތް މީހަކު ވައްކަން ކޮށްފިނަމަ އޭނާ ދޫކޮށްލައެވެ. އަދި އެމީހުންގެ ތެރެއިނެ ނިކަމެތި މީހަކު ވައްކަން ކޮށްފިނަމަ އޭނާގެ މައްޗަށް ޙައްދު ޤާއިމްކުރެއެވެ. މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. މުޚައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވިނަމަވެސް ތިމަންކަލޭގެފާނު އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާހުށީމެވެ." (ރަޥާހު ތިރުމިޒީ)
އިސްލާމްދީނުގައި މިނިވަންކަން!
މިނިވަންކަމަކީ ކޮބާ؟
އިސްލާމް ދީނަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތާއި ރަޙުމަތެއް ކަމުގައި މާތް ﷲގެ ޙަޟުރަތުން ބާވައިލެއްވި އިލާހީ ދީނެވެ. މާތް ﷲ ވަނީ އިންސާނާ ހައްދަވައި މަތިވަރި ކުރެއްވުށްފަހު އެކަލާނގެ ވަނީ އިންސާނާ މިބިންމަތީގައި ޚަލީފާވެރި ކުރައްވާފައިއެވެ. އެކަލާނގެ އިންސާނާ މިބިންމަތީގައި ޚަލީފާވެރި ކުރެއްވުމަށް އިރާދަކުރެއްވި ހިނދު ކަން ހިނގައި ދިޔަ ގޮތް ހަނދުމަ ކުރާށެވެ. އެކަން އަންގަވައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީ ކުރެއްވިހިނދު ހަނދުމަކުރާށެވެ! އެބޭކަލުން (އެހިނދު) ދެންނެވިއެވެ. އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ ވަޙީ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ."
އެހެންކަމުން މާތްﷲ އަޅުގަނޑުމެން އިންސާނުން ޚަލްޤުކުރައްވާފައިވަނީ އެއްވެސް ޙާލަތެއްގައި ބިން ފަސާދަކޮށް އެބިމުގައި އެއް އިންސާނަކު އަނެއް އިންސާނަކަށް އަޅުވެތިކޮށް އުޅުމަކަށް ނޫނެވެ. އިންސާނުންހެއްދެވި މަޤްސަދު ބަޔާންކުރައްވައި އެކަލާންގެ وحى ކުރައްވާފައި ވަބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިމަން ﷲ އަށް އަޅުކަން ކުރުމަށް މެނުވީ ތިމަންރަސްކަލާންގެ އިންސާނުންނާއި ޖިންނީން ނުހައްދަވަމެވެ." ކޮންމެއަކަސް މާތްﷲ އަށް އަޅުކަން ކުރުމަށްޓަކައި އެކަލާންގެ އިންސާނާ ހެއްދެވި ކަމުގައި ވިޔަސް ކޮންމެ އިންސާނަކަށްމެ މިނިވަންކަން ބޭނުންވާނެއެވެ. އަދި އުފަލާއި، އަރާމާއި، ހިންހަމަޖެހުން ބޭނުންވާނެއެވެ. އެއްވެސް ޙާލަތެއްގައި އަޅުވެތިކަމުގައި އުޅޭކަށް އެއްވެސް އިންސާނަކު ބޭނުމެއް ނުވާނެ އެވެ. އޭނާގެ ނަފުސު އެހެންމީހެއްގެ ނުވަތަ ބައެއްގެ އަތްދަށު ވިޔަސް ބަނދެވިފައި ވުމަކަށް އޭނާއެއް ނޭދޭނެ އެވެ.
މިނިވަންކަމަކީ އެއްވެސް ޙާލަތެއްގައި މީހަކު ބޭނުންކަމެއް ކޮށް ބޭނުންގޮތަކަށް އުޅުމުގެ ފުރުޞަތު އޮތުމެއް ނޫނެވެ. މިނިވަންކަމުގެ މާނައަކީ އެއަށްވުރެ މާ ފުޅާއެއްޗެކެވެ. އެކި މީހުންގެ މާނަކުރުންތައް ހިސާބަކަށް ތަފާތު ނަމަވެސް އެއީ އެކިކަންކަމުގެ އިޚުތިޔާރާއި ޙައްޤުތަކާއި ބާރު އޮތުންކަމަށް ބުނެވިދާނެ އެވެ. އެއީ އިންސާނީވަންތަކަމުގެ ހުރިހާ ސިފަތަކާ އެކީގައެވެ. އިންތަކަކާއި މިންތަކެއްގެ ތެރެއިންނެވެ. ޙުދޫދު ތަކެއްގެ ތެރޭގައެވެ.
މާތްﷲ މިބިންމަތީ ލައްވާ ފުރާނައަޅުއްވާފައިވާ ކޮންމެ އެއްޗަކީ އެއެއްޗެއްގެ އަމިއްލަވައްތަކަމާއި ފަޚުރާ ޝަރަފުގައި އުޅެން ބޭނުންވާނެ އެއްޗެކެވެ. ހަމައެހެންމެ އެހެންބައެއްގެ ބާރުގެދަށަށް ދިއުމަށް ނަފްރަތުކުރާ އެހެންބައެއްގެ ބާރުގެދަށުން ނިކުމެގަތުމަށް އެބަހީ ސަލާމަތްވާން މަސައްކަތް ކުރާނެ އެއްޗެކެވެ. މިނިވަންވުމޭ މިނިވަންކަމޭ އަޅުގަނޑުމެން މިކިޔަނީ މިކަންކަމަށެވެ.
ޝައްކެއްނެތްގޮތުގައި މިނިވަންކަމަކީ ކޮންމެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤަނޫނު އަސާސީ އިން އަޅުގަނޑުމެން ދިވެހިންނަށް ލިބިދީފައިވާ އަސާސީ ޙައްޤެކެވެ. އެޙައްޤަކީ އެޙައްޤާއެކު ޒިންމާވެސް އުފުލަންޖެހޭ ޙައްޤެކެވެ. މިނިވަންކަމުގެ ނަމުގައި އަނެއްކެއްގެ އަބުރާ ޢިއްޒަތަށް އަރައިގަނެވިގެނެއް ނުވާނެއެވެ. އެހެނީ މިނިވަންކަމަކީ ތިމާގެ މިނިވަންކަމުގެ ޙައްޤު އަދާކުރާއިރު އަނެކާގެ މިނިވަންކަން ފެށޭ ހިސާބުން ތިމާގެ މިނިވަންކަން ނިމިދާންޖެހޭ އެއްޗެކެވެ. މިނިވަންކަމަކީ އެއިގެ ޙައްދު ކަނޑައެޅި އިންވަކިކުރެވިފައިވާ އެއްޗެކެވެ. އެއިމުން ބޭރުން ތިމާ ހިތަށް އެރިހާ ގޮތަކަށް މިނިވަންކަމެއް ނުގެންގުޅެވޭނެއެވެ.
ހަނދާނަށް ގެންނަމާ ހިގާށެވެ. ދެ ޢާލަމަށް ކައު ކުރެއްވި ނަބިއްޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ޙިޖުރަކުރެއްވުމަށް ފަހު، އިސްލަމީ އުއްމަތުގެ ބިންގާ އެޅުއްވި ސިޔާސަތަކީ ޙަރުދަނާ މިނިވަން ސިޔާސަތެވެ. އެމަތިވެރި ޙިކުމަތްފުޅުގައި ޞުލްޙަ މަސްލަޙަތު، އަމަންއަމާންކަން، އަދި ކީއްތޯއެވެ؟ މިނިވަންކަން ގެންނަވާފައިވަނީ އެފަދަ ދެވަނަ ޤާނޫނެއްގައި ނުވަތަ ޤާނޫނު އަސާސީއެއްގައި ކަނޑައެޅިފައިނުވާ ފަދަ އޮމާންކަމާ އެކުގައެވެ. މަދީނާގައި ދިރިއުޅޭ އެހެން ދީންތަކުގެ އަޙުލުވެރިންނާއެކު ކީރިތި ރަސޫލާ ކުރެއްވި މުއާޙަދާ ނުވަތަ އެގުރިމެންޓް، އެހެން އިބާރާތަކުން ދަންނަވަނަމަ އަސާސީ ހައްޤުތަކުގެ ޤާނޫނުގައި ކޮންމެ ބަޔަކަށްވެސް މިނިވަންކަން ވެއެވެ.
އެބަޔަކު އަޅުކަންކުރާ ފަރާތްތަކަށް އަޅުކަންކުރުމުގެ މިނިވަންކަމެވެ. އެކަމާ އެހެންބަޔަކު ނުބެހުމުގެ މިނިވަންކަމެވެ. މިއީ މިފަދަ މުއާޙަދާއެއްގެ ދަށުން މިނިވަންކަމަށް ފުރަތަމަ އެކުލަވާލެވުނު އަސާސީ ޤާނޫނެވެ. އެހެނަސް އެހެން އުއްމަތްތަކުގެ އަހުލުވެރިން މުސްލިމުންނާމެދު ދެކޭ ނަޒަރަކީ އަޅުވެތިކަމުގެ ނަޒަރެވެ. މިއަދު ދުނިޔޭގެ ޤާނޫނަށް ބެލިކަމުގައި ވިޔަސް މީގެ ތެދު ހަޤީޤީ އަސަރުތައް ފާޅުކަން ބޮޑުގޮތެއްގައި ފެނިފެނި އެބަހުއްޓެވެ. އިސްލާމީ ޤައުމުތަކާ މެދު ދުނިޔޭގެ ޤާނޫނުގައި އޮންނަ މިނިވަންކަން ކުޑަކަމީ މީގެ ފާޅުކަން ބޮޑު ދަލީލެކެވެ.
އިސްލާމްދީނުގައި ވަނީ، ދީނީ މިނިވަންކަން ވެސް އިންސާނުންނަށް ދެއްވާފަ އެވެ. އެކަން ކީރިތި ޤުރުއާނުން ވަރަށް ސާފުކޮށް އެނގެ އެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ދީނަށް ވެއްދުމުގައި މަޖުބޫރުކުރުމެއް ނެތެވެ." އަދިވެސް މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ފަހެ، ބޭނުން މީހަކު އީމާންވާށެވެ! އަދި ބޭނުން މީހަކު ކާފިރުވާށެވެ!" އެހެންވީމާ، މީހަކު ޤަބޫލުކޮށްގެންހުރި ދީނެއް ދޫކޮށް އެހެން ދީނަކަށް އޭނާ ވައްދަން ބާރުއަޅައި މަޖުބޫރުކޮށްގެނެއް ނުވާނެއެވެ. ޢަޤީދާގެ އަސާސަކީ، ކޮންމެ މީހަކަށްމެ، އެމީހަކު އުޅޭނެ ދީނެއް އިޚުތިޔާރުކުރުމުގެ މިނިވަންކަން އޮތުމެވެ. މިކަން ކީރިތި ޤުރުއާނުގައި ވަނީ ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވާފަ އެވެ.
ޚިޔާލުފާޅުކުރުމާއި މަޝްވަރާކުރުމަކީ އިސްލާމްދީނުގައި ހިމެނިގެންވާ މުހިއްމު ބައެކެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّه ގެ ހަޟުރަތުން ލެއްވި رحمة އެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނުعفوކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورة ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزمކަނޑައަޅުއްވައިފި ނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް وكيلކުރައްވާށެވެ! ހަމަކަށަވަރުން، وكيلކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.) މިއާޔަތުން ދޭހަވާ ގޮތުގައި ކަންކަމުގައި ޚިޔާލު ހޯދައި އަޞްޙާބު ބޭކަލުންގެ މަޝްވަރާ ހޯއްދެވުމަށް މިވަނީ ރަސޫލާއަށް އަމުރުކުރައްވައިފައެވެ.
އާދޭހެވެ! ޚިޔާލުފާޅުކޮށް ކަންކަމުގައި މަޝްވަރާކުރުމުގެ މިނިވަންކަމާއި އެކަމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި އިސްލާމްދީނުގައި ވަނީ ދެއްވައިފައެވެ. އެހެނީ ޚިޔާލުފާޅުކުރުމާއި މަޝްވަރާކުރުމަކީ އިޞްލާހަށްޓަކައި ޞުލްހައަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ. މިއީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅައިފައިވާ ކަމެއްވެސް މެއެވެ. އެކަމަކު ނެތިމޮށުމާއި، ޣީބަބުނުމާއި، ދޮގު ޚަބަރު ފެތުރުމަކީ ނުވަތަ ނުބައި ލަޤަބުތަކުން މީހުންނަށް ގޮވައި ހެދުމަކީ ޚިޔާލުފާޅުކުރުމެއް ނޫނެވެ. އަދި އެއީ ޞުލްޙައަށް އޮތް މަގެއްވެސް ނޫނެވެ. މިފަދަކަންކަމުގެ ސަބަބުން މުޖުތަމަޢަށް ލިބޭނީ ގެއްލުމެވެ. އުފެދޭނީ ފަސާދައެވެ. އެހެންކަމުން ޚިޔާލުފާޅުކުރުމުގެ ނަމުގައި ނަމަވެސް މީހުން ކުރާ މިފަދަ ނޭދެވޭ ކަންކަމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވައިފައިވާ ކަންކަމެވެ. ވުމާއެކު، މިނިވަންކަމުގެ ނަމުގާ ތިމާ ހިތަށް އެރިހާގޮތަކަށް އުޅުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. އަޅުގަނޑުމެން އެންމެންނަކީވެސް އިންސާނުން އެކަކު އަނެއްކަކަށް އިޙްތިރާމުކުރުމާ އެކަކު އަނެކެއްގެ އަބުރާ ޢިއްޒަތް ރައްކާތެރިކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ. ވުމާއެކު އަޅުގަނޑުމެން އެންމެންވެސް ވިސްނުންތެރިކަމާއެކު މިޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމާތޯއެވެ! މާތްﷲ މިކަމުގައި އަޅުގަނޑުމެން އެންމެންނަށް ކާމިޔާބު ދެއްވާށިއެވެ! އާމީން.
އިސްލާމްދީނުގައި އަޅުން
ޖާހިލިއްޔަ ޒަމާނުގެ ކުރިއްސުރެވެސް ދުނިޔޭގައި ހިނގަމުންއައި ކަންތައްތަކުގެ ތެރޭގައި އިންސާނުން އަޅުންގެ ގޮތުގައި އިންސާނުން ގެންގުޅެފައި ވެއެވެ. މިގޮތުން ހަނގުރާމަކުރުމަށްފަހު ހަނގުރާމައިން ބަލިވި މީހުން ނުވަތަ ހިފެވޭ އަސީރުން އަޅުންގެ ގޮތުގައި ނަންގަވާފައިވެއެވެ. އަޅުން ގެންގުޅޭ މީހާ ނުވަތަ ސާހިބު މީހާ ބޭނުންވެއްޖެނަމަ މުދަލެއްގެ ގޮތުގައި އަޅުވެތި ކޮށްފައިވާ މީހާ ވިއްކާލެވެއެވެ. އިސްލާމްދީން މި ދުނިޔެއަށް އައިއިރު ވެސް ޢަރަބި ޤައުމުތަކުގައި އަޅުން ގެންގުޅުމުގެ އާދަ އޮވެއެވެ.
އިސްލާމްދީނުގެ ދެމަސްދަރު ކަމުގައިވާ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތްތަށް ބަލައިލުމުން ކޮންމެ މީހަކަށް ވެސްެ އިސްލާމްދީނަކީ އަޅުވެތިކަން ނައްތާލުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާ ދީނެއްކަން އިނގޭނެއެވެ. ރަސޫލާގެ ދުވަސްވަރުގައި ކުރެވުނު ހަނގުރާމަތަކުގައި ހިފެވުނު އަސީރުން އަޅުންގެ ގޮތުގައި ނުގެންގުޅައްވަތެވެ. މައްކާ ފަތަޙަ ކުރެއްވުމަށް ކުރެވުނު ހަނގުރާމައިގައި އާއި ބަނީމުސްޠލަޤު ހަނގުރާމައާއި، ޚުނައިނު ހަނގުރާމައިގައި ހިފެވުނު އަސީރުން މިނިވަންކުރައްވައި ދޫކުރެއްވިއެވެ. އަދި ޖާހިލިއްޔަ ޒަމާނުގައި އެކަލޭގެފާނުގެ އަރިހުގައި ގެންގުޅުއްވި އަޅުންނާއި، ހަދިޔާކުރެވުނު އަޅުން މިނިވަންކުރެއްވިއެވެ.
އިސްލާމްދީނުގައި އަޅުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ.
މާތްﷲ ނިސާ ސޫރަތުގެ 36 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ.
މާނައީ: "ތިޔަބައިމީހުން ﷲއަށް އަޅުކަން ކުރާށެވެ! އަދި އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި މައިން ބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާެި މިސްކީނުންނަށާއި ގާތް އަވަށްޓެރިޔާ އަށާއި ދުރު އަވަށްޓެރިޔާއަށާއި ކައިރި އެކުވެރިޔާށާއި ދަތުރު ވެރިޔާށާއި ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ!"
އަދި ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގައި އަޅުން މިނިވަންކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. މިގޮތުން ނޭނގުމުގެ ތެރޭގައި ކުރެވޭ ޤަތުލާއި ހުވާ އުވާލުމާއި ޡިހާރު ކުރުމުގެ ކައްފާރާއިކީ އަޅުންމިނިވަންކުރުމެވެ. މިކަންކަމުގެ ސަބަބުން މުސްލިމުންގެ މެދުގައި އަޅުންނާއިމެދު އޯގާވެރިކޮށް ހިތެވި އިންސާނީ ޙައްްޤުތައް ލިބިދެވެންފެށިއެވެ. އަދި އިސްލާމްދީން ގެނެސްދީފައިވާ ހަމަހަމަކަމުގެ އުޞޫލުން ކަންތައްތައް ކުރެވެން ފެށުނެވެ. އެއަޅުންނަކީވެސް ތިމާމެނެގެ އަޙުންކަމުގައި ބަލަން ފެށިއެވެ. މިގޮތުން އަޅުންގެ އާބާދީ މަޑުމަޑުން ހުލިވާންފެށިއެވެ.
އިސްލާމްދީނުގައި ޢަދުލު އިންސާފް
ޢަދުލު އިންސާފަކީ އިސްލާމްދީނުގެ މަތިވެތި ޢަސްލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެއީ މާތް ﷲ، އެކަލާނގެ ރަސޫލުބޭކަލުންނަށް ޙަވާލުކުރެއްވި ކަންތައްތަކުގެ ތެރެއިން މުހިންމުކަމެއް ދެވިފައިވާ ކަމެކެވެ. މާތްﷲ ވަޙީ ކުރަައްވާފައިވެއެވެ. (އަލް-ޙަދީދު ސޫރަތުގެ 25 ވަނަ އާޔަތް)
މާނައީ: "ހަމަކަށަވަރުން ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެރަސޫލުންނާއިއެކު، ފޮތާއި ޢަދުލު އިންޞާފުގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލު އިންޞާފު ގާއިމު ކުރުމަށްޓަކައެވެ."
ޢަދުލު އިންޞާފު ގާއިމުވެފައި އޮތުމަކީ ތަނެއްގައި ހަމަގެހުމާއި އަމާންކަން ފެތުރުމުގެ ބިންގަލެވެ. ފަރުދުންގެ މެދުގައި ގުޅުންތަކާއި ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގަދަކޮށްދޭ ބާރަކީ ޢަދުލު ވެރިކަމެވެ. މިޤާއިމު ކުރެވޭނީ ކޮންމެ ޙައްގެއްގެ ވެރިއަކަށް އެޙައްޤެ ފޯރުކޮށްދީގެންނެވެ. އަދި މާތްﷲ ކަނޑައަޅުއްވާފައިވާ ޙުކުމްތަކާއި އެއްގޮތަށް ޝަރީޢަތް ކުރެވިގެނެވެ. ތިމާގެ ހަވާނަފްސަށް ތަބަޢަނުވެ މީސްތަކުންގެ މެދުގައި ހަމަހަމައަށް ނިޔާކޮށްގެނެވެ.
ނިސާއު ސޫރަތުގެ 58 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
މާނައީ: "ހަމަކަށަވަރުން އަމާނާތްތައް އޭގެއަހުލުވެރިންނަށް އަދާކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމް ކުރާނަމަ ޢަދުލަށް ޙުކުމް ކުރުމަށްވެސް އަމުރު ކުރެއްވިއެވެ."
އިސްލާމީ ތާރީޚުން މިފަދަ ތަފާތު ޙާދިޘާތައް ފެންނަން އެބަހުއްޓެވެ. ޢަލީބުނު އަބީޠާލިބުގެ ރަޟިޔަﷲ ޢަންހުގެ އައްޑަނަ ކޮޅެއްގެ މައްސަލާގައި އެކަލޭގެފާނުގެ ޤާޟީ ޝުރައިޙުގެ ގާތަށް ވަޑައިގަތެވެ. އަނެއްކޮޅުން ދަޢުވާ ލިބޭފަރާތްތަކަށް ހުރީ އެކަލޭގެފާނުގެ ވެރިކަމުގެ ދަށުގައި ދިރިއުޅޭ ޔަހޫދީއެކެވެ. ނަމަވެސް ޢަލީގެފާނަށް އެއީ އެކަލޭގެފާނުގެ އެއްޗެއްކަން ޘާބިތުކޮށް ނުދެއްވެވުމުން ޔަހޫދީ މީހާގެ އެއްޗެއްކަމަށް ޤާޟީ ޝުރައިޙު ނިންމެވިއެވެ. އަދި ޢަލީގެފާނުވެސް އެނިންމެވުން ޤަބޫލުކުރެއްވިއެވެ. މިޢަދުލުވެރި ޝަރީޢަތުގެ ސަބަބުން ޔަހޫދީ މީހާ އިސްލާމްވިއެވެ.
މިއަދު މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަށް
މިއަދު އަޅުގަނޑުމެންނަށްމިފެންނަނީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ބަލާލިޔަސް މުސްލިމުންނާ ތަފާތު ގޮންޖެހުންތަކާ ކުރިމަތިވަމުން ދާތަނެވެ. މުސްލިމުން ނިކަމެތި ވަމުންދާތަނެވެ، ބައިބައިވަމުންދާތަނެވެ، ތަޅާފޮޅުމާއި، އަދި ލޭއޮހޮރިގެންދާތަނެވެ. މިގޮތަށް މިކަންތައްވަނީ އިސްލާމްދީނުގެ ޢަދާވާތްތެރިންގެ ދަންތުރާގައި މުސްލިމުން ޖެހުމުގެ ސަބަބުންނެވެ. އެގޮތުން މުސްލިމުންނާ ތަފާތު ގޮންޖެހުންތައް ކާފަރުންގެފަރާތުން ކުރިމަތިވަމުން އެބަދެއެވެ. ދާޚިލީގޮންޖެހުންތަކަކީ އިސްލާމީ މުޖްތަމަޢްތަކުގައި އުޅޭ މުސްލިމުންގެ ފަރާތުންނާއި އެމުޖްތަމަޢުގައިއުޅޭ ކާފަރުންގެފަރާތުން ކުރިމަތިވާ ގޮންޖެހުންތަކެވެ. އޭގެތެރޭގައި ދީނާއި ސިޔާސަތު ނުވަތަ ދީނާއި ދިރިއުޅުން ވަކިކުރުމަކީ އެއްކަމެވެ.
އިސްލާމްދީނުގައި ޙައްދުފަހަނައަޅައި ދިއުން
ޙައްދުފަހަނައަޅައި ދިއުމަކީ ކޮބާ؟
އިސްލާމްދީނަކީ މެދުމިން ދީނެވެ. އެއްވެސް ކަމެއްގައި ހައްދުފަހަނައަޅައި ދިއުމަކީ އިސްލާމްދީން ޤަބޫލުކުރާ ކަމެއްނޫނެވެ. އަޅުކަން ކުރުމާއި މީސްތަކުންނާއި މުޢާމަލާތް ކުރުމުގައި ﷲ ކަނޑުއަޅުއްވާފައިވާ މެދުމިން އުޞޫލުގައި ހިފެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ.
މާތްﷲ އަށް އަޅުކަންކުރުމަށާއި ދިރިއުޅުމަށް މަސަައްކަތް ކުރުމަށް އަންގަވާފައެވެ. ރޯދަހިފުމަށާއި ރަނގަޅު ޙަލާލު ތަކެތި ކައިބޮއި އުޅުމަށް އެންގެވިއެވެ. މުދަލުން ހޭދަކުރުމަށާއި އިސްރާފު ނުކުރުމަށް އެންގެވިއެވެ. މާތްﷲ ގެ މަގުގައި ޖިހާދަކުރުމަށާއި ޙައްގަކާއިނުލާ މީހުނއ ނުމެރުމަށް ވަނީ އަންގަވާފައެވެ.
މިއަދުގެ ދުނިޔޭގައި އިސްލާމްދީނުގެ ނަމުގައި ބައެއްފަރާތުން ކުރާކަންތައްތަކަކީ އިސްލާމްދީނުން ހުއްދަކުރާ ކަންތައްތަކެއް ނޫނެވެ. އެފަދަ ގިނަކަންތައްތަކަކީ އެކަންކަމުގެ ސަބަބުން ފައިދާއެއް ލިބުމުގެ ބަދަލުގައި މި މުސްލިމް އުންމަތަށް އެތަކެއް ގެއްލުން ތަކެއް ލިއްބައިދޭ ކަންކަމެވެ. އެކަންކަމުގެ ސަބަބުން ބައިނަލްއަޤުވާމީ ދުނިޔެއިން މުސްލިމުން އެކަހެރި ކުރުވާކަމެކެވެ. މިފަދަ އެންމެހައި ކަންކަމަކީ އެކަންކަމުން އިސްލާމްދީން ބަރީއަވެގެންވާ ކަންކަމެވެ.
ކީރިތި ޤުރުއާނުގައި މާތްﷲ ބަޤަރާ ސޫރަތުގެ 143 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
މާނައީ: "އަދި ހަމަ އެފަދައިން ތިޔަބައިމީހުންނަކީ މެދުމިން އުއްމަތެއްކަމުގައި ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (ޤިޔާމަތްދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ރަސޫލާ ވެވަޑައިގަތުމަށްޓަކައެވެ."
އެކްސްޓުރީމިސްޓުންނަކީ ކޮބާ؟

ޓެރަރިޒަމްއާއި ފަންޑަމެންޓަލިޒަމާއި އަދި މިއާގުޅޭ އެހެނިހެން ބަސްތަކަކީ މިހާރު ވަރަށް ގިނައިން އަޑުއިވެމުންދާ ބަސްތަކަކަށް ވަނީ ވެފައެވެ. އަދިހަމަ އެހެންމެ މިއާ އިދިކޮޅު މާނަ ދޭހަކޮށްދޭ މެދުމިނާއި، މަޢާފުކުރުމާއި މިފަދަ ބަސްތަކަކީވެސް ތަކުރާރުކޮށް އިވެމުންދާ ބަސްތަކެކެވެ. މިފަދަ ބަސްތައް ތަކުރާރުކުރަމުންދާ ފަރާތްތަކުގެ އިސްސަފުގައި ތިބިތަން މި ފެންނަނީ ހުޅަނގުގެ ލީޑަރުންނާއި، ހުޅަނގުގެ މީޑިޔާއެވެ. ދެން ހުޅަނގުގެ ލީޑަރުން ލެއްވި ކޮރަކަށް ކޮރެއް ލައްވަމުން ހިންގަވާ، ބައެއް އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި ހުޅަނގުގެ ފިކުރުތަކުން ހިތް ކަޅިވެފައިވާ ބައެއް އިސްލާމީ ޢިލްމުވެރިންނާއި މުފައްކިރުންނެވެ. މި ފަރާތްތަކުން މިފަދަ ބަސްތައް ބޭނުންކުރަމުންގެންދަނީ އެ ބަސްތަކުގެ ޙަޤީޤީ މާނަ އޮޅޭ ގޮތަށެވެ. އެހެންކަމުން އިސްލާމްދީނުގެ އަޞްލު އުޞޫލުތަކުގައި ހިފަހައްޓާ، ސަރުކާރާއި މުޖްތަމަޢުގެ އަފްރާދުން އެ އުޞޫލުތަކުގައި ހިފުމަށް ގޮވާލާ، އިސްލާމީ ޤައުމުތައް އަޅުވެތިކޮށް އިސްލާމީ ޘަޤާފަތް ކިލަނބުކޮށް ހުޅަނގުގެ އިސްތިޢްމާރީ ދަލުގައި މުސްލިމުން ޖެއްސުމަށް ހިންގޭ މަކަރުވެރި ރޭވުންތަކާދެކޮޅަށް އަޑުއުފުލާ ކޮންމެ މީހަކީ އެފަދަ މީހުންގެ ނަޒަރުގައި "ފަންޑަމެންޓަލިސްޓް" އެއް ނުވަަތަ "އެކްސްޓްރީމިސްޓް" އެއް ނުވަތަ "ޓެރަރިސްޓް" އެއް ނުވަތަ "މުއްލާ" އެކެވެ. ނަމަވެސް ހުޅަނގުގެ މަޞްލަޙަތަށް ބޯލަނބައި އެމީހުންގެ ސިޔާސަތާއެއްގޮތަށް ދައުލަތް ހިންގައި ހުޅަނގުން ބޭނުންވާގޮތަށް ދީނުގެ ފަތުވާތަށް ނެރޭ ޢިލްމުވެރިންނާއި ވެރިންނަކީ "މެދުމިނު އުޞޫލުގެ މީހުން" ނެވެ. ނުވަތަ "ނަމޫނާ ލީޑަރުން" ނެވެ. ނުވަތަ "ޕްރޮފެސަރުން" ނެވެ.
އިސްލާމްދީނުގެ އަޞްލު އުޞޫލްތަކުގައި ހިފަހައްޓާ މީހުންނަށް ހުޅަނގުގެ މީހުން "އެކްސްޓްރީމިސްޓު"ންނޭ ކިޔާއިރު ކީރިތި ޤުރްއާނާއި ލޮބުވެތި ކީރިތި ރަސޫލާގެ ސުންނަތުގައި ގޮވާލެވިފައިވަނީ އުޞޫލުތަކުގައި ގަދަފަދައަށް ހިފެހެއްޓުމަށެވެ. ދީނުގައި ކަނޑައެޅިފައިވާ ޙުދޫދުތައް ފަހަނަޅާ ނުދިއުމަށާއި އެއަށް ފަރުވާކުޑަކޮށް ނަގައި އެއްލައިނުލުމަށެވެ. ކީރިތި ޤުރްއާނުގައި މާތްﷲ ޥަޙީކުރައްވާފައިވެއެވެ. (الأعراف١٧١) މާނައީ: "ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ފޮތުގައިވާ ޙުކުމްތަކުގައި ގަދަފަދައަށް ހިފަހައްޓާށެވެ." ޢިލްމުވެރިން ވިދާޅުވާގޮތުގައި "ގަދައަށް ހިފެހެއްޓުމަކީ" އެ ޙުކުމްތަކާމެދު ފަރުވާކުޑަނުކޮށް ފުރިހަމައަށް ޢަމަލުކުރުމެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. [إِنَّ اللهَ حَدَّ حُدُوْدًا فَلاَ تَعْتَدُوْهَا، وَفَرَضَ فَرَائِضَ فَلاَ تُضَيِّعُوْهَا، وَحَرَّمَ مَحَارِمَ فَلاَ تَنْتَهِكُوْهَا...] رواه الدارقطني وغيره . މާނައީ: "ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އިންތަކެއް ކަނޑައަޅުއްވާފައެވެ. ފަހެ ތިޔަބައިމީހުން އެ އިންތައް ފަހަނަޅައި ނުދާށެވެ! އަދި އެ އިލާހު ވަނީ ކަންތައްތަކެއް ފަރުޟުކުރައްވާފައެވެ. ފަހެ ތިޔަބައިމީހުން އެ ފަރުޟުތައް ނަގައިނުލާށެވެ. އަދި އެ އިލާހު ވަނީ ކަންތައްތަކެއް ޙަރާމްކުރައްވާފައެވެ. ފަހެ ތިޔަބައިމީހުން އެ ކަންތައްތަކަށް އަރައިނުގަންނާށެވެ...". މި ދަލީލުތަކާއި މިއާ ގުޅޭ އެހެނިހެން ދަލީލުތަކުގެ އަލީގައި ދެންނެވެންއޮތީ ޙަޤީޤީ ހައްދުފަހަނަޅާފައިވާ އެކްސްޓްރީމިސްޓުންނަކީ ދީނުގައި ކަނޑައެޅިފައިވާ ޙުދޫދުތަކާމެދު ފަރުވާލެއް ނުބަހައްޓާ އެ ޙުދޫދުތައް ނައްތާލައި ދީން ފުނޑުފުނޑުކޮށްލުމަށް މަސައްކަތްކުރާ މީހުން ކަމަށެވެ. އަދި ދީނުގެ އުޞޫލުތަކުގައި ހިފެހެއްޓުމަށް ޤުރްއާނާއި ސުންނަތުގައި ބާރުއަޅުއްވާފައިވާއިރު އަދި ދީނުގައި ކަނޑައެޅިފައިވާ ޙުދޫދުތަކާއި ވާޖިބުކުރައްވާފައިވާ ކަންތައްތަކަށް ޢަމަލުކުރުމުގައާއި ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުވެގަތުމަށާއި އެފަދަ އެއްވެސް ކަމަކަށް ފަރުވާ ކުޑަކޮށް ފަސޭހަވެނުގަތުމަށް އަމުރުވެވިގެންވާއިރު އެ އުޞޫލުތައް ހިފަހައްޓާ މީހުންނަށް "ފަންޑަމެންޓަލިސްޓުން"ގެ ލަޤަބުދީ، އެފަދަ މީހުންނާ ދިމާކޮށް މަލާމާތްކޮށް ހެދުމަކީ ﷲއާއި އެ އިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ކުރެވޭ މަލާމާތެއްކަމުގައިނޫނީ ނުވާނެއެވެ.
އަޅުގަނޑުމެން މުސްލިމުން އަޅުގަނޑުމެންގެ ދީނުގެ ކަންތައްތަކުގައި ހިފަންޖެހެނީ ހުޅަނގާއި މުސްލިމުންގެ ތެރެއިން ހުޅަނގުގެ ހިޔަންޏަށް މުޑިނަގައިގެން އުޅޭ މަދު ބަޔަކު ބުނާހާ ގޮތަކަށްނޫނެވެ. ޙަޤީޤީ މުސްލިމުންނަކީ އެއަށްވުރެ މާ ހަރުދަނާ، އެހާމެ ސާބިތުކަންމަތީ ތިބޭ ބައެކެވެ. އެމީހުންގެ އެސާބިތުކަމުގެ ބިންގަލަކީ އެމީހުން ހެއްދެވި ޚާލިޤުވަންތަ އިލާހާއި އެމީހުންނާ ގުޅުވައިދޭ ވަރުގަދަ ޢަޤީދާއާއި އީމާންކަމެވެ. އެހެންކަމުން ބަޔަކުމީހުން ކޮންމެ ނަމެއް ކިޔައިގެން ދީނުގެ ކަންތައްތައް އޮޅުވާލަން މަސައްކަތް ކުރިކަމުގައިވިޔަސް ފުރިހަމަ މުސްލިމަކު ހަމަ ހިލާ އެފަދަ އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރާނެއެވެ.

ރެފެރެންސް ސަފްޙާ. misconceptions-about-islam.com/islam-spread-by-sword.htm en.wikipedia.org/wiki/Islam_and_war islamqa.info/en/43087 onislam.net/english/reading-islam/living-islam/islam-day-to-day/450131-learning-islam-the-right-way.html http://www.noorul-islam.net/noorulislam_view.asp?noorulislamID=936 al-islam.org/restatement-history-islam-and-muslims-sayyid-ali-ashgar-razwy/battles-islam en.wikipedia.org/wiki/List_of_ongoing_armed_conflicts fiyoaree.mv/1183 ezsoftech.com/stories/anecdotes1.asp kavaasaa.com/kudakudhin/islamdheen/islam-dheenakee.html islamweb.net/emainpage/articles/109364/equality-in-islam kalamullah.com/ whyislam.org/submission/what-is-submission/ onislam.net/english/reading-islam/living-islam/islam-day-to-day/450131-learning-islam-the-right-way.html dhisalafiyyah.net/?cat=25 http://www.raajjeislam.com/10813
އިސްލާމީ ތަރުބިއްޔަތު: ދަރިވަރުންގެ ފޮތް ގުރޭޑު 11

Similar Documents